ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ހޯލްސޭލް ވިޔަފާރި ނުކުރެވޭ ގޮތަށް ސަރުކާރުން އިސްލާހު ގެނެސްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް ޝާއިއުކޮށްފިއެވެ.

މިއީ ރާއްޖޭގެ އިގުތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް ދިވެހީންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ގެނެސްފައިވާ އިސްލާހުތަކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވި އެ އިސްލާހުތަކަކީ، ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިގްތިސާދީ ސިނާއަތްތައް ދިވެހި ވިޔަފާރިވެރިންނަށް ހާއްސަކޮށް، އަދި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާއި އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް އިންވެސްޓަރުންނަށް ފުރުސަތު ފަހިވާނެ ގޮތަށް ގެނެވިފައިވާ އިސްލާހުތަކެއް ކަމަށެވެ.

އަދި މިއީ ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މުހިންމު އިސްލާހުތަކެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ޝާއިއު ކުރި އެންޓްރީ ރިކުއަރމަންޓްސްގައި ބުނެފައިވާ ވާގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، އަދި ޖޮއިންޓް ވެންޗަރު އުސޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވެއެވެ.

ދާއިރާތައް ބެހިފައިވާގޮތަށް ބަލާއިރު:

ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްކޮށް ހުޅުވާލެވިފައިވާ ދާއިރާތައް

ޖޮއިންޓް ވެންޗަރ އުސޫލުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ދާއިރާތައް

ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރުން މަނާ ދާއިރާތައް

ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާފައިވަނީ ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތު އިތުރުކޮށް، އަދި މަންފާާ އެންމެ ހެޔޮ ގޮތުގައި ލިބޭނެގޮތަށް ރިއާޔަތްކުރުމަށްފަހުއެވެ.

އެހެންކަމުން މިއެ ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ހާއްސަ ކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުންކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި ސަރުކާރުން ގެންނެވި ބަދަލާއެކު، މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބިތުކޮށް، އިގުތިސާދީ ނަފާ ހޯދައި، ގައުމުގެ ތަރައްގީގައި ދިވެހީންގެ ހިއްސާ ބޮޑުވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.