”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި ފުލެޓް ލިބުނު ބައެއް ފަރާތްތައް އެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރު ކުރަން ފަށައިފިއެވެ.
މިގޮތުން ބައެއް ފަރާތްތަކުން ވަނީ އެ ފުލެޓުތައް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރާކަން ހާމަކޮށް، ވެބްސައިޓުތަކުގައި ޕޯސްޓުކޮށްފައެވެ.
ސަރުކާރުން އެ ފުލެޓުތަކަށް ކަނޑައަޅައިފައިވާ ކުލީގެ އަގަކީ މަހަކު 8،000 ރުފިޔާ ނުވަތަ 10،500 ރުފިޔާއެވެ.
އެހެންކަމުން އެ ފްލެޓުތައް ކުއްޔަށް ދޫކުރަން އިޝްތިހާރު މި ކުރަނީ، އެތައް ގުނައެއް އަގު ބޮޑުކޮށެވެ.
ހިޔާ ފުލެޓް ލިބުނު ބައެއް މީހުންނާއި ވިނަރެސް ފުލެޓް ލިބުނު ބައެއް މީހުންވެސް ވަނީ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދީފައެވެ.
ސޯޝަލް ހައުސިން އަކީ، ބޭނުންޖެހިފައިވާ ފަރާތްތަކަށް ދޫކުރާ ފްލެޓުތަކަކަށްވާއިރު، އެ ފްލެޓުތައް ލިބޭ މީހުން އެތަންތަން ކުއްޔަށް ދިނުމަކީ، މިފަދަ މަޝްރޫއުތަކުގެ މަގުސަދު ހާސިލުވުމަށް ހުރަސް އެޅޭނެ ކަމެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

