މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ސެޕްޓެމްބަރު މަހު ތިން ބިލިއަން ރުފިޔާގެ ރިކޯޑު އާމްދަނީއެއް ލިބިއްޖެއެވެ.
އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެއީ 2023 ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 30.7 އިންސައްތައިގެ ކުރިއެރުމެކެވެ.
އަދި އެއީ މީރާއިން ލަފާކުރި އާމްދަނީއަށްވުރެ 33.7 އިންސައްތައިގެ އިތުރު އާމްދަނީއެކެވެ.
ތަފާސްހިސާބުގައިވާ ގޮތުން ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އެއީ އާމްދަނީގެ 40.5 އިންސައްތަކަމަށް ތަފާސް ހިސާބުގައި ފާހަގަކޮށްފައިވެއެވެ.
އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 404 މިލިއަން ރުފިޔާ ލިބިފައިވާކަން ތަފާސްހިސާބުގައި ފާހަގަކުރި އިރު، އެއާޕޯޓް ތަރައްގީގެ ފީގެ ގޮތުގައި 204 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 199 މިލިއަން ރުފިޔާގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުގައި މީރާއިން ބުންޏެވެ.
މީގެ އިތުރުން، ބޭރު ފައިސާގެ ގޮތުގައި 150.25 މިލިއަން ޑޮލަރު ލިބިފައިވާ އިރު، އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު 47 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

