އިޒްރޭލުގެ އުދުވާނީ ހަމަލާތައް ހުއްޓައިލަން އެއްބަސްވުމާއެކު، ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން، އެނބުރި އަމިއްލަ ގެދޮރަށް ދަނީ ބަދަލުވަމުންނެވެ.

ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓުމަކާ ހަމައަށް އައިސްފައި މިވަނީ، ދެ އަހަރެއްހައި ދުވަސް ފަހުންނެވެ.

އެމެރިކާ މެދުވެރިވެގެން އެކުލަވައިލި އެއްބަސްވުމުގައި، ޣައްޒާގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވަނީ، އިޒްރޭލުގެ އަސީރުން މިނިވަން ކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގައިވާ ގޮތުން، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނެއް ވެސް މިނިވަން ކުރާނެއެވެ.

އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބުނެފައި ވަނީ، ހަމާސް އިން އަލުން ހަތިޔާރު ނަގައިފިނަމަ، އިހުނަށްވުރެ ވަރުގަދައަށް، އަލުން ހަނގުރާމަ ފެށިގެންދާނެ ކަމަށެވެ.

މީގެ ކުރިން ވެސް، އިޒްރޭލުން ވަނީ، ”ސީޒް ފަޔަރ“ އެއްބަސްވުމާ ހިލާފުވެ، އަލުން ހަމަލާތައް ވަރުގަދަ ކޮށްފައެވެ. އެހެންވެ، މި ފަހަރު ވެސް އިޒްރޭލުން އެފަދައިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޣައްޒާގެ ރައްޔިތުން އަމިއްލަ ގެދޮރަށް އެނބުރި އަންނައިރު، އެ ތަންތަން ވަނީ މުޅިން ސުންނާފަތި ކޮށްލައިފައެވެ. ނަމަވެސް އަމިއްލަ ވަޒަނަށް އެނބުރި އާދެވުނީތީ، ޣައްޒާގެ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. އެ މީހުން ތިބީ، އެ ސިޓީ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރަށެވެ.

ދެ އަހަރުގެ ހަނގުރާމައަށް މެދުކެނޑުމެއް އައިސްފައިވާއިރު، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ ގަނެގެން އުޅޭތާ ބައިގަރުނަށްވުރެ ގިނަ އަހަރު ވަނީ ވެފައެވެ. މި ފަހަރުގެ އުދުވާނީ ހަމަލާތަކުގައި އެކަނި ވެސް، އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ، ފަލަސްތީނުގެ 60،000 މީހުން ޝަހީދުކޮށްލައިފައެވެ.

 

 

 

ެ