މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހެކީގެ ގޮތުގައި ހިފެހެއްޓި ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތުތަކެއް ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން މިހެން ބުނީ، އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުން ހިފެހެއްޓި ފަހުން ފޮޓޯއެއް ލީކް ކޮށްލި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ، ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރާ މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން، ބެލެހެއްޓުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ގާއިމްކުރެވިފައިވާ ކަމަށެވެ.
އަދި މި އުސޫލުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އެހެންކަމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯޯނަކުން މައުލޫމާތު ލީކު ވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ ހިދުމަތުގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލްކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ.
އަދި އެ ހިދުމަތުގެ މަސައްކަތުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަން ދެވޭ ކަންކަން ކަމަށްވެސް ބުނެފައި ވެއެވެ.

