ބޭންކް އޮފް މޯލްޑިވްސްގެ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން ޅ. އޮޅުވެލިފުށީގައި ސެލްފް ސަރވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.

އެ ރަށުގައި މި ހިދުމަތް ގާއިމު ކުރީ އިއްޔެއެވެ.

އެކަމަށްޓަކައި، ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ބީއެމްއެލްގެ ޗެއާޕަރސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާއެކު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ ވަރަށްވެސް ހާއްސަ ކާމިޔާބީއެއް ކަމަށާއި، މިއަދު އޮޅުވެލިފުށީގައި އޭޓީއެމް ހިދުމަތް ފެށުމާއެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި  އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑިވެސް މިވަނީ ހާސިލްކުރެވިފައި ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.