މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު އަބްދުލްލަތީގެ ދައުވަތަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް އިއްޔެ ފުރާވަޑައިގެންފިއެވެ.

މިނިސްޓަރުގެ މި ދަތުރާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ހަލީލުގެ މި ދަތުރުފުޅުގައި މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު އަބްދުލްލަތީއާ ބައްދަލުކުރައްވަވާނެ ކަމަށެވެ.

އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް އެބޭފުޅާއާއި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުންވެސް ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިސްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ހަލީލުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.