ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރަމުން އަންނަ ޝަހީދު އަލީ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް  އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ ބުނީ، 1500 ދަރިވަރުންގެ ޖާގައިގެ ޝަހީދު އަލީ ސްކޫލްގެ ގްރޭޑް 1 ކުން 10 އަކަށް ދަރިވަރުން ވެއްދުމަށް މިހާރު ހުޅުވާާފައިވާކަމަށެވެ.

އެގޮތުން މިހާރު މާލެ ސަރަހައްދު ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުން ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެ ދަރިވަރަކު ކިޔަވަމުން އަންނަ ސްކޫލުން ފޯމް ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ވަނީ މީގެ ކުރިން ޝަހީދު އަލީ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނަށް މިދިޔަ މަހު އެ ފުރުސަތު ހުޅުވާލާފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެފައިވަނީ، ޝަހީދު އަލީ ސްކޫލަށް ވަނުމަށް އެދި ވަރަށް ބޮޑު ޑިމާންޑެއް އެބައޮތްކަމަށާއި، ފޭސް ދޭކުން އެ ސްކޫލަށް ވަނުމަށް ބޭނުންވާ ހުރިހާ ކުދިންނަށް ޖާގަ ލިބޭނޭކަމަށެވެ.