ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަފިއެވެ.
ފީފާގެ ރައީސްގެ މި ދަތުރުފުޅަކީ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ޓުވަރިޒަމް އެންޑް އެންވަރމެންޓް ތޯރިގު އިބްރާހިމް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް، ފީފާގެ ރީޖަނަލް އޮފީސްގެ ހެޑް ޕްރިންސް ރޫފަސް، އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތަލާލު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ފުޓްބޯޅަ އާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުން ވަނީ ފީފާގެ ރައީސަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ހާޒިރުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދިވެހި ސަގާފީ އައިޓަމްތައް ވެސް ހުށަހަޅާދީފައިވެއެވެ.

