ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.9 އިންސައްތަ އިތުރުވެއްޖެ
30 އޮކްޓޯބަރ 2025
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ސްޓެޓިސްޓިކްސްއިން އެނގޭ ގޮތުގައި މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،804،515 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،641،937 ފަތުރުވެރިންނެވެ. މިއީ %9.9 އިންސައްތަ އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އެ ގައުމުން 291،573 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން 223،857 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
އަދި އިނގިރޭސިވިލާތުން، 159،615 ފަތުރުވެރިން، ޖަރުމަނުވިލާތުން 132،394 ފަތުރުވެރިން އަދި އިޓަލީވިލާތުން 119،261 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 73.8 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ.

ހޮޓާތަކާއި ގެސްޓުހައުސްތަކަށް 24 އިންސައްތަ ފަތުރުވެރިން އައިއިރު ސަފާރީތަކަށް އައީ 2.1 އިންސައްތަ ފަތުރުވެރިންނެވެ. އަދި އެހެނިހެން ތަންތަނަށް 0.1 އިންސައްތަ ފަތުރުވެރިން އައިސްފައިވެއެވެ.