އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ ވަގުފް މަޝްރޫއު ކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްގަމް މަޝްރޫއުއަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިންގ ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމުގައި ބީއެމްއެލްއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އަދި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، މިއަދު ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްއާއެކު ސޮއިކުރެވިގެން މިދިޔަ ފަހުމުނާމާއަކީ ކުރިމަގަށް ހުޅުވިގެންދިޔަ ވަރަށް މުހިއްމު ޞަފްޙާއެއްކަމަށާއި ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ވަޤުފްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބީއެމްއެލްއިން އެހީތެރިކަން ދެއްްވުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއްކަމަށެވެ.

އަދި މިއީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބޭންކާއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ވަޤުފް މަޝްރޫއުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށައި އުއްމީދަކީ އަދި އަމާޒަކީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަގުފް މަޝްރޫޢުތައް ނިމި މިކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެން ދިއުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމްގެ ވާހަކަފުޅުގައި ބޭންކް އޮފް މޯލްޑިވްސްއިން ވުޒާރާއާއި މެދު ބަހައްޓަވާ ގާތްކަމާއި ވުޒާރާގެ ކަންކަމުގައި ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ޤައުމުގެ ތަރައްގީއާއި އިޖުތިމާޢީ ކުރިއެރުމަށް ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުތަކުގައި ގައުމީ ބޭންކުގެ ގެ ހައިސިއްޔަތުން ބޭންކުން ބައިވެރިވެ އެހީތެރިކަން ދިނުމަކީ ބޭންކުގެ އަމާޒެއްކަމަށާއި މިއަދު ސޮއިކުރެވިގެންމިދިޔަ ފަހުމުނާމާއަކީ އިސްލާމީ ފައިނޭންސްގެ ދާއިރާއިން އެ ބޭންކު ކުރިއަށް ދިއުމަށް ކަޑައްތު ކުރެވުނު މުހިއްމު ހަރުފަތެއްކަމަށެވެ.

މީގެ އިތުރުން އިސްލާމީ ފައިނޭންސް ދާއިރާ ކުރިއަށް ގެންދިއުމަށް މިނިސްޓަރުގެ ފަރާތުން ލިބިގެންދާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝަރީފް ވަނީ އިސްލާމިކް މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެެވެ.