އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ނިންމި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، އެ ނިންމުން ބާތިލްކޮށް، އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފިއެވެ.
މީޑިއާތަކަށް ދޫކުރާ މާލީ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް އިއްޔެ ވަނީ އާންމުކޮށްފައެވެ. އެގޮތުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމައިފައެވެ.

އެންމެ ގިނަ އަދަދަކަށް ފައިސާ ލިބެނީ ސަންގު ޓީވީއަށެވެ. ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ އަދި ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެެ. އެއީ ޖުމްލަ 5.1 މިލިއަން ރުފިޔާއެވެ. އަދި ދަ ޕްރެސްއަށް 1.3 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވެއެވެ.

ޔޫތު މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނުގައި ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާ އެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަންކަމާއެކު ކުރެވޭނީ އެ ކޮމިޝަނަށް ކަމަށް މިނިސްޓްރީން ދެކޭ ކަމަށެވެ.

އެހެންވެ، ފައިސާ ދޭ އުސޫލާ ގުޅިގެން އެ މިނިސްޓްރީން ކުރި އިއުލާނުތައް ބާތިލުކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ ހުރިހާ ކަންކަން އެ ކޮމިޝަނާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިއީ ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ކަނޑައެޅި ފުރަތަމަ ފަހަރެވެ.