ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، އެ މީހާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނާއި ނޮލިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި މި މަހުގެ 29ވަނަ ދުވަހެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ޔާދު، ހދ. ނޮޅިވަރަން، އުމުރުން 48 އަހަރުގެ އަލީ ރަޝީދުއެވެ.

މި އޮޕަރޭޝަނުގައި ފުލުހުން މަސްތުވާ ތަކެތި ހޯދާފައި ވަނީ ނޮޅިވަރަމަށް ދިޔަ ބޯޓަކުން ގެންދިޔަ ފޮށިގަނޑަކާއި ޑަބިޔަލެއް ބަލާފާސްކޮށްގެނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ވަނީ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 2 ޕެކެޓު ފެނިފައެވެ.

ނަމަވެސް މި ތަކެތީގެ ބަރުދަން ހާމަކޮށްފައެއް ނުވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.