ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ގަވާއިދުގެ ދަށުން އެކުލަވާލެވިފައިވާ ޓޫރިޒަމް ޓްރަސްޓް ފަންޑު ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ.
މި ކޮމިޓީގައި ހިމެނެނީ ހަ ސަރުކާރު އިދާރާގެ ތަމްސީލުކުރާ ފަރާތްތަކެވެ.
މި ކޮމިޓީގެ މައިގަނޑު މަގްސަދަކީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ގެ ދަށުން ލިބޭ ފައިސާ، އިންސާފުވެރިކަމާއި ފޮރުވުމެއްނެތި ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމާއި ހިންގުމެވެ.
މި ފަންޑުގެ ހަރަކާތްތައް މި ކޮމިޓީން ބެލެހެއްޓުމާއެކު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ސަރުކާރުން ބުނެއެވެ.

