ކަނބަލުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އަދިވެސް އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވައި ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ މިއަދު މެންދުރު ދަންފަޅީގެ ދަސްވެނިވުމުގެ ޙަފުލާގައި ދަރިވަރުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޙަފުލާގައި ދަސްވެނިވި ދަރިވަރުންގެ ތެރެއިން 90 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ.

އެ ކަމަށް މަރުޙަބާ ކިޔުއްވަމުން އެމަނިކުފާނު ވިދާޅުވީ ގިނަ ޢަދަދެއްގެ ކަނބަލުން ދަސްވެނިވެގެން ދިޔުމަކީ އަންހެނުން ބާރުވެރިކުރުމުގެ އަލިގަދަ ހެއްކެތް ކަމަށެވެ.

އޭގެ ސަބަބުން ދިވެހިރާއްޖޭގައި އަންހެނުންގެ ކުރިމަގު އުޖާލާވާނެ ކަމުގެ އުންމީދު ލިބިވަޑައިގަންނަވައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކަނބަލުންނަށް އަދިވެސް ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް އިތުރުކުރައްވަން ޖެހޭ ކަމަށެވެ.

މިއަދުވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދިވެހި މުޖުތަމަޢުގައި އަދިވެސް ކަނބަލުންނަށް އޮންނަން ޖެހޭ އިތުބާރާއި އެ ބޭފުޅުންގެ ގާބިލުކަމާ ދޭތެރޭގައި ކުރީންސުރެ ވެސް އަށަގެންފައި ހުރި ކަންތައްތައް ދެނެގަތުމަށް ޓަކައި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.