ހއ. ހޯރަފުށީގެ އެންމެ ޝަރަފުވެރި އައްޑަނަ، ”ސިރީނަވަރަންނަ އައްޑަނަ“ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
ސޯލިހަށް މި އައްޑަނަ އެރުވީ، ”ހޯރަފުށީ ދުވަސް“ ފާހަގަކުރުމަށް ހޯރަފުށީގައި ރޭ ބޭއްވި ޖަލްސާގައެވެ.
އެމަނިކުފާނަށް އައްޑަނަ އަރުއްވައިދެއްވީ އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދެވެ.
ޖަލްސާގައި އިއުލާންކޮށްފައިވާ ގޮތުގައި، ރައީސް ސޯލިހަށް އެ އައްޑަނަ އެރުވީ އެންމެ ފަސް އަހަރުން އެތައް މިލިއަން ރުފިޔާގެ ބިޔަ 16 މަޝްރޫއު، ހޯރަފުއްޓަށް އެކަނި ފަހިކޮށްދެއްވާފައިވާތީއެވެ.
އަދި ސޯލިހަކީ ހޯރަފުށީގެ ތަރައްގީގެ ބާނީގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ސޯލިހު ވިދާޅުވީ އެމަނިކުފާނަށް އެ ޝަރަފު ލިބިވަޑައިގެންނެވުމުގައި ވަރަށް ގިނަ ކަންތައްތައް ހިމެނޭ ކަމަށެވެ.
އެގޮތުން އެ މަނިކުފާނާއެކު ސަރުކާރުގައި މަސައްކަތްކުރެއްވި ބޭފުޅުން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

