ރައްޔިތުންނަށް ފައިދާ ކުރާނެ ތިން ކަމެއް، މިއަދު ތަންފީޒު ކުރަން ފެށުމާއެކު، އެ ކަންކަމަށް މަގުފަހި ކުރުމަށް އެއްބާރުލުން ދިން ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ނޮވެމްބަރ 1، 2025 ގައި 3 ކަމެއް ތަންފީޒުކުރަން މިވަނީ ފެށިފައި ކަމަށެވެ.

މިއަދު ތަންފީޒުކުރަން ފަށާ ކަންކަމަކީ 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާއި، ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުމާއި ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުމެވެ.

ރައީސް ވިދާޅުވީ މި މުނާސަބަތުގައި މި ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ނުހަނު ޝުކުރު ދަންނަވާ ކަމަށެވެ.

”މި 3 ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނޭ އެންމެހާ ފަރާތްތަކާއި، ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ ”ޖެނެރޭޝަނަލް ބޭން“ އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލާ އެކު 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ.

ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާ އެކު އަށް ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެއެވެ.