އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

މި އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ.

މަރަދޫ ސިއްހީ މަރުކަޒު އަލަށް ހަދާ އިމާރާތުގެ މަސައްކަތް ފުރިހަމަވުމާއެކު، އެރަށުން ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ ރައްޔިތުންނަށް ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫއުތައް ގެންދަވަނީ ފަށްޓަވައި ދެއްވަމުންނެވެ.

އަދި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ރަށުގައި ތަރައްގީއަށް ރާއްވަވާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.