ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ހައްޖުގެ ހިދުމަތާ ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީގު ބިން ފައުޒާނު އައްރަބީއާއެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތަކެވެ.
މިގޮތުން ހައްޖުގެ ހިދުމަތަށް ފައިސާ ދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ހައްޖުގެ ހިދުމަތްދޭ ކުންފުނިން ހިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ގާއިމު ކުރުމާއި މިފަދަ މުހިންމު ކަންކަންކަން ބަޔާންވެފައި ހުރެއެވެ.
މި އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެކެވެ.

