ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ބްރީފްކޭހެއް ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލަށް ވަންނަ ދޮރުމަތިން މޫނު ނިވާ ކޮށްގެން ތިބި ބަޔަކު އައިސް ފޭރިފައި ވަނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ބްރީފްކޭހެކެވެ.

މި މައްސަލައާ ގުޅިގެން ހަމަ އެދުވަހު ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ.

މިދިޔަ ހަފްތާ ވަނީ އިތުރު ތިން މީހަކު ވެސް ހައްޔަރު ކޮށްފައެވެ.

އެއީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު 27، އާއި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު 44، އަދި ސ. ހިތަދޫ. ވަށަގުލިމާގެ، އަލީ އަފްޒަލް 21 އެވެ.

މި މައްސަލައިގައި ކުރިން ހައްޔަރު ކޮށްފައި ވަނީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ 25 އާއި މ. ކޯރަސް، އަހުމަދު ރައިހާން ނައީމް 20، ގެ އިތުރުން ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހިމް އަނޫފް 24، އަދި އެގޭ ހުސައިން ޝަހުދު 30އެވެ.

މި އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ބުނީ އޭގެ އިތުރުން، ހަތަރު މީހަކު ފުލުހުން މަނާ ކުރުމަށް އަމުރު ނެރެފައިވާ ކަމަށެވެ.