ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް ”ނެޝަނަލް ނިއުސް އެޖެންސީ“ގެ ނަމުގައި އިފްތިތާހު ކޮށްފިއެވެ.

ރައީސް އޮފީހާއި، ޔޫތު މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ފެށި މި މަސައްކަތަކީ، ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށި މަސައްކަތެކެވެ.

ނެޝަނަލް ނިއުސް އެޖެންސީގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދާއި ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްއާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީނެވެ.

 

ނެޝަނަލް ނިއުސް އެޖެންސީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-

 

އެންއެންއޭ އިފްތިތާހު ކުރުމަށް ފަހު ވަނީ، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ހަވާލުކޮށްފައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީ ސްޓޭޓް މިނިސްޓަރ އަލީ ޝަމްއާން ވިދާޅުވީ މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުސަތުތަކެއް ލިބޭ ޕްލެޓްފޯމެއް ކަމަށެވެ.

މި ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ.

ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަގުބަލުގައި މި ޕްލެޓްފޯމްގައި ހިއްސާކުރެވޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ ޕްރައިވެޓް މީޑިއާތައް ހަރުދަނާކުރުމަށް ޕީއެސްއެމްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފުޅާކުރާނެކަމަށެވެ.

ގިނަ ކޮންޓެންޓްތަކެއް މި ޕްލެޓްފޯމްގައި ހިލޭ ދޫކުރުމަށް ހަމަޖެހިފަވާއިރު، ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ހާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕެކޭޖުތައްވެސް ހިމަނާނެކަމަށް ނަސްރީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީއެސްއެމްއާއެކު މަސައްކަތްކުރާ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ކޮންޓެންޓްވެސް، މި ޕްލެޓްފޯމްގައި ދިވެހި މީޑިއާތަކާ ޙިއްސާކުރުމަށް އެކަމާ ގުޅޭ މަޝްވަރާ ކުރަމުންދާކަމަށެވެ.

ކުރިމަގުގައި ފަންނާ ބެހޭ ވުޒާރާއާއި ޕިއެސްއެމްގެ ދަށުން ހިންގާ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ތަފާތު ތަމްރީން ޕްގްރާމްތައް މީޑީއާތަކަށް ހިންގުމަށްވެސް ވިސްނާކަމަށެވެ.

އަދި ބައިނަލްއަގްވާމީ އެކި މީޑިއާ އިވެންޓްތަކުންވެސް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.