ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އެންމެ ބޮޑު ދަރަނިބޯ ކަަމަށް ވިދާޅުވެ، ޕީޕީއެމްގެ ސެނެޓަރ މުހައްމަދު މަލީހު ޖަމާލު، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން، އާއްމުން އަތުން ނަގާ ޓެކްސް ފައިސާގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި، މަލީހު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހާއި، އެމަނިކުފާނުގެ ސަރުކާރުން އިންތިހާއަށް ޓެކްސް ފައިސާއިން އިސްރާފު ކުރާކަމަށް ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ، ރައީސް ހުންނެވި، ދިވެހިރާއްޖޭގެ ރިޔާސީ ގަނޑުވަރު އެމަނިކުފާނުގެ “ފްރެންޑަށް” ދެއްވައިގެންކަމަށެވެ. އަދި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް މިހާރު ބިލިއަނުން ދަރާފައި ހުރިކަން ފާހަގަކުރައްވާ، ރައީސް ސޯލިހަކީ ލޯނު ނަންގަވާ ވެރިއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަލީހު ވިދާލުވީ، ރައީސް ސޯލިހަކީ ދުނިޔޭގައި ހުންނެވި އެންމެ ބޮޑު “ދަރަނި ބޯ” ކަމަށެވެ. އަދި އެކި ކަންކަމުގެ ބަދަލު ދިނުމުގެ ނަމުގައި ދިވެހި މާލިއްޔާތު ދޮވެލައިފިކަމަށެވެ.

ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް އިތުރު ކުރަން ނިންމެވީވެސް މިހާރު އޮތް ހާލަތުން އަރައިގަތުމަށް އިތުރު އެއްވެސް މަގެއް ނެތުމުން ކަމަށް މަލީހު ވިދާޅުވިއެވެ.