މި ސަރުކާރުން ބޭނުންވަނީ ގައުމަށް ބޮޑުވެފައިވާ މައްސަލަތައް އޭގެ މުލާ ހިސާބުން ހައްލުކޮށް، ދާއިމީ ނަތީޖާ ނެރެދޭން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104“ މި ނަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަން ހާމަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެއްވުމުގެ މައިގަނޑު ސިޔާސަތަކީވެސް، ޒުވާނުން އެ ކަމުން ސަލާމަތްކޮށް މެއިންސްޓްރީމްކުރުން ކަމުގައެވެ.
އަދި މި މައްސަލަތައް މުލުން ލުހެލުމަށް މަސައްކަތްތައް ތަރުތީބުކުރައްވާފައިވަނީ މަސްތުވާތަކެތީގެ ސަޕްލައިގެ މައްސަލަ ހައްލުކުރައްވައި، ރިހެބިލިޓޭޝަންގެ ފުރުސަތު ފަހިކޮށް، ޒުވާނުން އަނބުރާ މުޖުތަމައުއަށް ނެރެ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނޭގޮތައްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ވަނީ، މަސްތުވާތަކެއްޗާއި، ގޭންގު ކުށުގެ ނުބައި އާދައިގައި ޖެހިފައިވާ ޒުވާނުން އެކަންކަމުން ދުރުވެ، އަމިއްލަ ނަފުސާއި، އަޒއިލާ އާއި، ގައުމަށް ހިދުމަތްކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.
އަދި ރިހެބިލިޓޭޝަނާއި ރީއިންޓެގްރޭޝަނަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށްވެސް، އެމަނިކުފާނު އެފަދަ ޒުވާނުންނަށް އިލްތިމާސްކުރެއްވިއެވެ.
ޒުވާނުންނަށް ހުރި ފަހި ފުރުސަތުތަކަށް އަލިއަޅުއްވާލައްވަމުން، ދިވެހި ވަތަނީ ހިދުމަތާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާމާއި ސަރުކާރުން އެކި ކަންކަމަށް ދޭ މާލީ އެހީއާ ބެހޭ ތަފާސްހިސާބާއި މައުލޫމާތު އެމަނިކުފާނު ރޭގެ ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.
ޒުވާނުންނަށް އަބުރުވެރި ދިރުއުޅުމެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތަކުގެ އިތުރުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގެ އުސްއަލިތައްވެސް، އެމަނިކުފާނުގެ ވާހަކަފުޅުގައި ހިމަނުއްވާފައިވެއެވެ.
އެގޮތުން ޖަމައީ ފެންވަރުގައި އެދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާއި، ވަށާޖެހޭ އެތުލީޓުން ބިނާކުރުމަށް ހާއްސަކޮށްގެން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ޖަމައީ ފެންވަރުގައި އެދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބިނާކުރުމަށް ކުރައްވަމުންދާ ކާމިޔާބު މަސައްކަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އަދި އެމަނިކުފާނުގެ ޕްރެޒެންޓޭޝަން މެދުވެރިކުރައްވައި ވަނީ، އެ މަސައްކަތްތަކުގެ އަދާހަމަ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.

