ރައްޔިތުންގެ ހާލަތު ގާތުން ބެލުމަށް ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމްގެ ތެރެއިން، 17000 ގޭބިސީއަކަށް ޒިޔާރަތް ކުރެވިފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ.އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ސޯޝަލް މިނިސްޓްރީގެ ”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ މަގްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ހިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު ސޯޝަލް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމްގައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުން އެދޭ ހައްލުތައް ނެރުމަށް ޕްރޮގްރާމްތައް ހިންގުމަށް ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަށެވެ.

”މިއީ، އެ ޕްރޮގްރާމެއްގެ ތެރެއިން، ވަގުތުން ވަގުތަށް، އެންމެ ގާތުން މައުލޫމާތު ލިބިގެންދިޔަ ޕްރޮގްރާމެއް.“

”އިރާދަކުރެއްވިއްޔާ، މި ޕްރޮގްރާމް ފައްޓައިގެން މިހާތަނަށް އައިއިރު، 17،000 ގޭބިސީއަކަށް ޒިޔާރަތް ކުރެވިއްޖެ، އަތޮޅުތަކުގަ ވެސް، މާލޭގަ ވެސް.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިވަގުތު މި ޕްރޮގްރާމް ހުޅުމާލޭގައި ކުރިއަށް ގެންދެވޭއިރު، މުޖްތަމައުގައި އުޅޭ އެހީތެރިކަން ބޭނުންވާ އެކި ފަރާތްތައް މި ޕްރޮގްރާމްގެ ތެރެއިން ދެނެގަނެވޭ ކަމަށެވެ.

މީގެ އިތުރުން، ގޭގެއަށް ޒިޔާރަތް ކުރުމުން، ދިވެހީންގެ ކިބައިގައި ހުންނަ މެހެމާންދާރީ އަދާ ކުރުން ރިވެތި ސިފަތައް އަދިވެސް ހުރިކަން ފާހަގަވެގެންދިޔަ ކަމަށް ވެސް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވިއެވެ.