އެދުރު ހިޔާގެ ކުރިމަތީގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާނެ ވީލްޗެއަރ ރޭމްޕެއް ނެތި، އެތަައް ދުވަހެއް ފަހުން، މާލެ ސިޓީ ކައުންސިލުން އެތަނުގައި ރޭމްޕެއް ގާއިމު ކޮށްދީފިއެވެ.

މިކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލުގެ މިހިނގާ ދައުރަށް، ލިބުނުތާ 24 ގަޑިއިރުވެސް ނުވެ، އެދުރުހިޔާ ދޮރު ކުރިމަތީގައި ވީލްޗެއަރ ރޭމްޕް ހަދާ ވަނީ ނިންމާފައެވެ.

ސޯޝަލް މީޑިއާގައި، މިކަން ސިޓީ ކައުންސިލުގެ ސަމާލުކަމަށް ގެނައި ފަރާތުން ކުރި ޓްވީޓެއްގައި ބުނީ، އެތަނުގައި ރޭމްޕެއް ހަދައިދޭތޯ ފަސް އަހަރުވަންދެން، ކަމާބެހޭ ފަރާތްތަކުގައި އެދިގެން މަސައްކަތް ކުރިއިރު، އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އެމީހާގެ ޓްވީޓުގައި މާލެ ސިޓީ ކައުންސިލުވެސް ޓެގް ކުރިއެވެ. އެފަރާތުން މި ޓްވީޓު ކުރީ، މިއަދު ހެނދުނު 7:53 ގައެވެ.

މައްސަލަ ހައްލުކޮށް، ރޭމްޕް ހަދާ ނިންމައި، މޭޔަރު އެކަން ހާމަކުރެއްވީ، މިރޭ 8:36ގައެވެ.

ރައްޔިތުންގެ ކަންބޮޑުވުން ހުރި މިފަދަ ކަންކަން ހައްލު ކުރުމަށްޓަކައި، މާލެ ސިޓީ ކައުންސިލުން ގެންގުޅޭ ހަލުވި ސްޕީޑް ފާހަގަކޮށް ގިނަ ބަޔަކު ވަނީ، އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލަށާއި، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒަށް، ސޯޝަލް މީޑިއާގައި ތައުރީފުކޮށްފައެވެ.