ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންގެ ތެރެއިން، ދައުލަތުގެ ހަރަދުގައި އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް)ގެ ފަރުވާ ހޯދި މީހުންގެ ތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބުވެފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ދައުލަތުގެ ހަރަދުގައި މިހާރު ވެސް 92 މީހަކު އައިވީއެފްގެ ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

އަދި އައިޖީއެމްޗުގެ ފާޓިލިޓީ ސެންޓަރުގައި ވެސް، އާސަންދައިގެ ދަށުން އައިވީއެފްގެ ފަރުވާ ކުރިއަށް ގެންދާ ކަމަށެވެ.

”ރާއްޖެއިން ވެސް، އަދި ރާއްޖެއިން ބޭރުން ވެސް މިކަމަށް ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް ހަމަ ފުރުސަތު އެބައޮތް. އިރާދަކުރެއްވިޔާ، މި އަހަރު ވެސް 50 ފަރާތަކަށް އައިވީއެފް ޕްރޮގްރާމްގައި ބައިވެރިވުމަށް އަޅުގަނޑުމެން މިހާރު ވެސް ވަނީ ހުޅުވައިލައިފައި.“ ހީނާ ވިދާޅުވިއެވެ.

 

ހީނާ އިތުރަށް ވިދާޅުވީ، މިކަމުގެ ސަބަބުން ދަރިން ލިބުމުގެ އުއްމީދުގައި ތިބި އެތައް ބަޔަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދައުލަތުގެ އެހީގައި އައިވީއެފް ހަދަން ބޭނުންވާ މީހުންނަށް ”ފަރޓިލިޓީ ކެއަރ ފަންޑް“ މެދުވެރިކޮށް އެހީއަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށެވެ.
އެންސްޕާ އިން ނެރުނު އިއުލާނެއްގައިވާ ގޮތުން، މި ފުރުސަތަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ.
ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، ސަރުކާރުގެ ހިދުމަތްތަކަށް ހާއްސަ ޕޯޓަލް ކަމަށްވާ https://one.gov.mv މެދުވެރިކޮށެވެ.