ހުޅުމާލޭގައި އިމާރާތް ކުރާ ދާރުއްސަލާމް ވަގުފް އިމާރާތުގެ ބިންގާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.
ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައި ހަދާ، މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ވިހިހާސް އަކަފޫޓުގެ ސަރަހައްދެއްގައި، އާރްސީސީ އާ ހަވާލުކޮށްގެން ތަރައްގީ ކުރާ 12 ފަންގިފިލާގެ މި މަޝްރޫޢަކީ، 244.5 މިލިޔަން ރުފިޔާގެ މަޝްރޫއުއެކެވެ.
އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެއަހަރުދުވަހުގެ ތެރޭގައެވެ.
ރާއްޖޭގައި ގާއިމުކުރާ މި ފަދަ ދެވަނަ ވަޤުފް އިމާރާތް، ދާރުލް އަރްޤަމްގެ ބިންގާ އަޅުއްވާފައިވަނީ 2025 ނޮވެންބަރު 20 ވަނަ ދުވަހުއެވެ.
ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުންވެސް، ރާއްޖޭގެ އެންމެ އާބާދީބޮޑެތި ސަރަހައްދުތައް ކަމަށްވާ އައްޑޫއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވަފާއެވެ.
އަދި މި ވަގުފް އިމާރާތްތަކުން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ވަހުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކަށެވެ.
ހުޅުމާލޭގައި އިމާރާތް ކުރާ ދާރުއްސަލާމް ވަގުފް އިމާރާތުގެ ބިންގާއެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

