މި ސަރުކާރުން، ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ގާނޫނާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އެދި އިކޮނޮމިކް މިނިސްޓްރީން ކުރި އިޢުލާނާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން މިނިސްޓަރު ވިދާޅުވީ މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ މި ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.
މީގެ އިތުރުން 1979 ގައި ހެދިފައި އޮތް ފޮރިން އިންވެސްޓްމަންޓް ޤާނޫނު، 46 އަހަރަށް ފަހު ނިމުމަކަށް ގެނެސް، މިޒަމާނަށް ފެތޭ، އަދި މާޒީގައި ކުރެވިފައިވާ އެކި ތަޖުރިބާތަކުގެ އަލީގައި އޭރުއްސުރެ ކުރިމަތިވަމުން އައި މައްސަލަތައް ޙައްލުކުރެވޭނެ ހަރުދަނާ ގާނޫނެއް މުޅީން އަލަށް އެކުލަވާލައި، ފާސްކޮށް، ގެޒެޓުކުރެވި ޢަމަލުކުރަން ފެށިފައިވުމަކީ، ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއް ކަމަށް ސައީދު ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ، އަންނަ ހަފުތާއިން ފެށިގެން މިމަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެ“، މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިކަމުގައި ތަންފީޒީ އިދާރާތަކާއި، ވަކީން ޚާއްސަކޮށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.
”ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުން ފަސޭހަކޮށް، އެކަމަށް ހާއްސަކުރި ލިންކު މި އިޢުލާނާ އެކުގަައި އެ ވަނީ.“ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިފަދަ ކޮންމެ ކަންބޮޑުވުމެއް ހައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންނެވެ.
އަދި ނުގަވާއިދުން ވިޔަފާރިކުރާ އެކަކަށްވެސް ފުރުސަތު ނުދިނުމަށް، އަދި ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އަޅުގަނޑުމެން އެންމެން އެއްރޫހެއްގައި އެއްބާރުލައިގެން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

