ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ބިނާކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ.

އިސްލާމީ މަރުކަޒު ހުޅުވައިދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު 3 ގެ އުދުވާނުގައި ޝަހީދުވެވަޑައިގެންނެވި ހއ. ދިއްދޫއަށް ނިސްބަތްވެލައްވާ ޝަހީދު އުމަރު އަހުމަދުގެ ނަމުންނެވެ.

މަސްޖިދު ޝަހީދު އުމަރު އަހުމަދުގެ ނަމުން މި މިސްކިތަށް ނަންދެއްވީ، ޝަހީދު އުމަރު އަހުމަދަކީ އެ ހަމާލަގައި ޝަހީދުވަޑައިގެންނެވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވީތީ އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްގީ ކުރެވިފައިވާ އިސްލާމީ މަރުކަޒެކެވެ.

އެގޮތުން މި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުހާނާއާއި، ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި މަލްޓިޕާޕޮސް ހޯލަކާއި، 1 ސެމިނަރ ރޫމް އަދި އިދާރީ އޮފީސް ބައެއް ހިމެނެއެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ގާއިމްކޮށް ފުރިހަމަ ކުރުމަށްފަހުގައެވެ.

އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ހަރުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި މަޝްރޫއު ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ހުޅުވިގެންގޮސްފައި މިވަނީ އިސްލާމީ ދާއިރާގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އަދުގެ ސަރުކާރުން ކުރިއަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.