ވިޔަފާރި އެކައުންޓްތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މައްސަލައަކާ ގުޅިގެން 23 އަހަރުގެ މީހަކު ހައްޔަރުކޮށް، އޭނާ ހޯދި ފައިސާގެ ބޮޑުބައެއް ހޯދައިފިއެވެ.
ފުލުހުން ބުނީ، މި މީހާ ހައްޔަރުކުރެވުނީ އެންޓި ސްކޭމް ސެންޓަރގެ ރެޕިޑް ރެސްޕޯންސުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މި މައްސަލަ ފެންމަތިވީ ޑޮލަރު މާރުކުރުމަށް މީހަކު 1،250 ޑޮލަރު ޓްރާންފަރކުރުމުން އެ ޑޮލަރަށްވާ ރުފިޔާ ނުލިބިގެން މިދިޔަ ހޮނިހިރު ދުވަހު ހުށައެޅު މައްސަލައަކާ ގުޅިގެންނެވެ.
ހައްޔަރުކުރެވުނު މީހާއަކީ ބ. ތުޅާދޫ / މަންޒަރުގެ، 23 އަހަރުގެ މުޙައްމަދު ޝާވިންއެވެ.
އޭނާ ހައްޔަރުކުރީ ހުޅުމާލެއިން ފައިސާއާ ހަވާލުވުމަށްފަހު ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. ކޯޓުން ވަނީ ޝާވިން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި ވާގޮތުން، މަކަރާއި ހީލަތުން ހޯދި 1250 ޑޮލަރު ވަނީ ރިކަވަރކޮށްފައެވެ.
މީގެ އިތުރުން މިފަދަ އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ ވެސް ރިކަވަރކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބެލި ބެލުމުން މި މީހާ އަމަލުކުރާ ގޮތް ވަނީ ހާމަވެފައެވެ.
ކުށްކުރާ މީހާ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުން ފަދަ އެކި ހިދުމަތްތައް ފޯރުކޮށްދޭނެކަމަށް ބުނެ، އެ ހިދުމަތަށްވާ ފައިސާ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަށް ޖަމާކުރުވައެވެ.
އޭގެ ފަހުން، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނުވަތަ އެ ފައިސާއަށްވާ މުދާ ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާތީ، ފުލުހުން ވަނީ ޢާންމު ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
ފުލުހުންގެ އިލްތިމާސްގައިވާ ގޮތުން، ހިދުމަތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ފޮނުވަން ބުނާ އެކައުންޓް ނަންބަރުގައިވާ ވިޔަފާރިއަކީ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ބައެއްތޯ ޔަގީންކުރުމާއި، ވިޔަފާރި އެކައުންޓަށް ޖަމާވާ ފައިސާ އަނބުރާ ހޯދުމަށް ގުޅާނަމަ، އެ ފައިސާއަކީ ކޮންގޮތަކުން ޖަމާވި ފައިސާއެއްތޯ ބަލައި ޔަގީންކުރުމަކީ މުހިންމު ކަމެކެވެ.

