ރައީސް ޔޫކޭއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި

މި ބައްދަލުވުމުގައި، ބައިނަލްއަގްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމްޑީބީ) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެން، ދެމެހެއްޓެނިވި ތަރައްގީއަށާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވާފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ”ޑެޓް-ފޮރ-ކްލައިމެޓް“ އަދި ”ޑެޓް-ފޮރ-ނޭޗަރ“ މަޝްރޫއު ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ މަރުކަޒުތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި މަތީ ފެންވަރުގެ ބައިވެރިންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތަށް، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީއަށް ރާއްޖެއިން ކުރާ ވަކާލާތު އިތުރަށް ވަރުގަދަކުރުމަށް ވަރަށް މުހިންމު ފުރުސަތެއް ލިބިގެންދިޔައެވެ.