އަވަށްޓެރި ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ”ދިތުވާ“ އާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ދިވެހިރާއްޖޭން ދެއްކި އެއްބައިވަންތަކަމަކީ އެގައުމުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށް އެގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ ވިދާޅުވެއްޖެއެވެ.

ޑިސަނަޔެކެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި ރާއްޖޭން ފޯރުކޮށްދިން އެހީތެރިކަމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ހެއްކެއް ކަމަށެވެ.

ލަންކާއަށް ފައިސާގެ އެހީގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ 50،000 އެމެރިކާ ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކޮށްފައެވެ.

އެ ފައިސާ ހަވާލުކޮށްފައިވާއިރު މަސްދަޅު ކޭސްތައް ހިފައިގެން އެމްއެސްއެސްގެ ބޯޓު ލަންކާއަށް އިއްޔެ ވަނީ ފުރައިފައެވެ.

އަދި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ’ސިލޯނާއެކު ދިވެހިން‘ ޓެލްތޯނުން ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ވެސް ވަނީ ހަވާލުކޮށްފައެވެ.