ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިގޮތުން ހިންގި އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށާއި، ބަލައިފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެވަނަ އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ބުނީ ހޮނިހިރު ދުވަހު ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވާޑް ކާޓްރިޖް، ނުވަ ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވާ ކަމަށާއި އަނެއް ގެއިން 331 ފްލޭވާޑް ކާޓްރިޖް، ހަ ރިފިލް ކާޓްރިޖް އަދި ހަތް ޕޮޑް ފެނިފައިވާ ކަމަށެވެ.

އެ ދެ ގެއިން ޖުމުލަ 544 އައިޓަމެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.