ފަގީރުންގެ ދަފުތަރުގައި ތިބި މީހުންނަށް ހާއްސަކޮށް، ”ޒަކާތު ބެނެފިޝަރީ ކާޑު“ގެ ނަމުގައި ކާޑެއް އިފްތިތާހުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުންނެވެ.

ޝަހީމް ވިދާޅުވީ އެ ކާޑު ތައާރަފު ކުރަނީ ޒަކާތް ހައުސްއާއި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ކަމަށާއި މި ކާޑު އޮންނާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަގީރުންގެ އަތުގައި ކަމަށެވެ.

އަދި ޒަކާތު ހައުސިން ކޮންމެ އަހަރަކު ވެސް އޭނާއަށް ކަނޑައަޅާފައި އޮންނަ އެހީ އެ ކާޑަށް ޖަމާކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

”މިސާލަކަށް ރޯދަ މަހުގައި އަޅުގަނޑުމެން މި ދިނީ ފަގީރު މީހާއަށް ކާބޯތަކެތި. އެހެންވީމަ އެ ކަމަށް ކަނޑައަޅާފައި އޮތް ބަޖެޓަކީ މިސާލަކަށް 5000 ރުފިޔާ. އެހެންވީމަ އެ 5000 ރުފިޔާއަށް ކަނޑައަޅާފައި ހުންނަ ފިހާރަތަކުން ތަކެތި ގަނެވޭނެ. އެތަނަށް އިނގޭނެ އެއީ ފަގީރެއްކަން،“ ޝަހީމް ވިދާޅުވިއެވެ.

މި ކާޑު އިފްތިތާހުކުރުމުގެ މަގުސަދަކީ ފަގީރުން އެކި އިދާރާތަކަށް ހިނގަންޖެހޭ ހިނގުން މަދުކޮށް، އެ މީހުންނަށް ފަސޭހަކޮށްދިނުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި މަސައްކަތް ކުރަމުންދަނީ ޖެނުއަރީ މަހުގައި އެ ކާޑު އިފްތިތާހު ކުރަން ކަމަށްވެސް ވިދާޅުވިއެވެ.

ޒަކާތުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ތަސްދީގު ކުރައްވައިފައެވެ.

މި ގާނޫނުގެ ދަށުން، ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން، ޒަކާތާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅުއްވާނީ، ޒަކާތާ ބެހޭ ކަންކަން ހިމެނޭ ގޮތުން، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.