ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވަފައިވަނީ، ރޭ، މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކަލާފާނު ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައިވެސް، އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭގޮތުންނެވެ.

އެކަންކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިވަޑައިގެންފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިސްލާހު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އަދި ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުތުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް އީޖާބީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވައި އެމަނިކުފާނު ވަނީ، ވައުދުފުޅުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގައި ހިމަނުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި މަގުހެދުމުގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވައި، މާލޭގެ މާރުކޭޓުތައް އަލުން އިމާރާތްކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެގޮތުން، ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސް މާރުކޭޓެއް އިމާރާތްކުރައްވައި، މަސްމާރުކާޓު މިހާރު ހުރި ސަރަހައްދުގައި މަސްވެރި ސިނާއަތަށް ހާއްސަ އޮފީސް އިމާރާތެއް ތަރައްޤީކުރެއްވުމަށް ރާއްވަވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕެންޝަން ފަންޑު ބޭނުންކުރެވޭ މިންވަރު އިތުރުކުރެއްވުމާ ބެހޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ބައެއް ޚާއްޞަ ޙާލަތްތަކުގައި އެ ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުންކުރެވޭ ގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާޙު ގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ހުށަހެޅުއްވި ބައެއް އިތުރު ހިޔާލުތަކަށްވެސް އެމަނިކުފާނު ވަނީ ޖަވާބުދެއްވާފައެވެ.

އެގޮތުން، އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންނަށް އެކަން އިހުސާސްވާ މިންވަރަށް އެ މިނިވަންކަން ފެންނަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމީ ބޮޑެތި ނިންމެވުންތައް ނިންމަވަނީ، ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާގެ މަތީންކަން ތަކުރާރުކުރައްވައި، މިއަދު ވޯޓަކުން އެ ސުވާލު ކުރެއްވިކަމުގައިވިޔަސް، އެކަން ސާބިތު ކުރެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންސްޕާ އިން އެހީ ހޯދުމުގެ އިޖުރާއަތްތަކާ މެދު ހުށަހެޅުއްވި ޝަކުވާއެއްގެ ޖަވާބުގައި، އެކަން އިތުރަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ހުރި ދަތިތައް ޙައްލުކުރެއްވުމަށް ދެއްވާ އަހުމިއްޔަތު ހާމަކުރައްވައި، އެމަނިކުފާނު އިސްކަންދެއްވަނީ، ހަވާސާވެފައިވާ އެފަދަ ފަރާތްތައް މުޖުތަމައުގައި ޝާމިލުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޕޭ ހާމަނައިޒޭޝަންގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމުގެ ދޮރު ބަންދުވީ ނޫންކަން ފާހަގަކުރައްވައި، ޕޭ ކޮމިޝަނާ ގުޅިގެން އަދިވެސް މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްއަށް ފޮނުއްވާ ސިޓީތަކަށް ޖަވާބު ދެއްވުމުގައި ބެކްލޮގުތައް ފިލުވައި، އަވަހަށް ޖަވާބުދެއްވުމަށް އިތުރު ހިތްވަރެއް ލައްވާނެ ކަމަށާއި، އެމަނިކުފާނާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް، ސީދާ އެމަނިކުފާނާ ބައްދަލުކުރައްވައިގެންނާއި، ރައީސް އޮފީހުގެ މިނިސްޓަރުން މެދުވެރިކުރައްވައިގެން ކަންބޮޑުވުން ހިއްސާ ކުރެއްވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައްޔިތުން އެކި ދާއިރާތަކުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތައް އަޑުއައްސަވައި، އޮންނަ އުސޫލުތަކުގެ ތެރެއިން، ވީހާވެސް އީޖާބީ ގޮތެއްގައި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.