މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ދެވަނަ ހައްޖު އަދި އުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް އިއްޔެ ވަޑައިގަންނަވައިފިއެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްހީ އާއި އެ ޖަމްއިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.

މި ދަތުރުފުޅުގައި އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްހީ، އިސްލާމިކް މިނިސްޓަރާއި ރަސްމީކޮށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒަށް ޒިޔާރަތް ކުރުމާއި ޒުވާން ހަތީބުންނާއި ހާފިޒުން އަދި އިމާމުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ހައްޖު އަދި އުމްރާ ކޮންފަރެންސްގައި މި ޖަމުއިއްޔާގެ މަސައްކަތްތަކާއި ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާނެއެވެ.

މި އަހަރުގެ ހައްޖު އަދި ޢުމްރާ ކޮންފަރެންސް މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ ކޮންފަރެންސްގައިވެސް ރާއްޖޭގައި ހައްޖާއި އުމްރާގެ ހިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވެލައްވާނެއެވެ.