ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 76 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެެވެ.
އެމްޓީސީސީން މިއަދު ބުނީ މާއުނގޫދޫ ބަނދަރު މަސައްކަތުގެ ދަށުން ރިވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، މިހާރު އެ މަސައްކަތުގެ 68 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަަ އަހަރުގެ މެއި މަހުގައެވެ. އެއީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުންރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

