ހައްޖު އުމްރާ އެގްޒިބިޝަން 2025ގެ ތެރެއިން ކުރިއަށް ގެންދާ ސްޓޯލް ހަރަކާތްތަކަށް އާއްމުންގެ ތަރުހީބު ބޮޑުވެ، މިއަދު ހަވީރު 16:00 އިން 19:00 އަށް އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި އެގްޒިބިޝަންގައި ރާއްޖޭގައި ހަރަކާތްތެރިވާ އެކި އުމްރާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މި އެގްޒިބިޝަންގެ ތެރެއިން އާއްމުންނަށް ޒަމްޒަމް ފެން ބޯން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ.

މި އެގްޒިބިޝަންގައި ބައިވެރިވާ ކުންފުނިތަކަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް، މީގާތު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް، ކަމަނަ އަލްހައްޖު ވަލްއުމްރާ، ތަހީ ޙައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް އަދި އަލްފަޖްރު ޓްރެވަލްސްއެވެ.

މީގެ އިތުރުން ގައުމީ އެއާލައިން، މޯލްޑިވިއަނުންވެސް މި އެގްޒިބިޝަންގައި ބައިވެރިވެއެވެ.

މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތު ހޮވޭ ފަރާތަކަށް ކ. ތުލުސްދޫ އާސްނާ އިން ހުށައަޅާފައިވާ 2 ނައިޓް ސްޓޭގެ އިތުރުން އަލްމުސާފިރް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށައަޅާފައިވާ 5 ލީޓަރުގެ 10 ޒަމްޒަމް ފެން ފުޅި 10 ފަރާތަކަށް ދިނުމަށް ހަަމަޖެހިފައިވެއެވެ.