މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ. ދުވާފަރުގައި ކުރިއަށް ދިޔަ މަސްކެނޑުމުގެ މުބާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްލަވައިލައްވައިފިއެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ އެކި މުބާރާތްތަކުގެ ތެރެއިން އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް ކުރިއަށް ދިޔައީ އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިންނެވެ.
އަންހެން އަދި ފިރިހެނުންގެ ބައިން މަސްކެނޑުމުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ވަނީ ހޮވައިފައެވެ.
ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން މިއަދު ދުވާފަރުގައި ވަނީ “ރަހަވަރު“ ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ވެސް ބާއްވާފައެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނައަށް އައި ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.

