މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ނިންމައިފިއެވެ.

ރައީސް ޑރ.މުހައްމަދު މިކަން އިއުލާނު ކުރެއްވީ، މިރޭގެ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.

ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ ދުވަސްތަކުގައި އެކަމަށްޓަކައި މަސައްކަތް ކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަމަލީ ގޮތުން އެސްޓީއޯގެ ފިއުލް ސްޓޭޝަން އިންސްޓޯލްކުރެވި މިހާރު އެސްޓީއޯ ރޭޓުން ދުވާފަރުގައި ތެޔޮވިއްކަން މިއަދު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދެން ކޮންމެ އަތޮޅެއްގައި ގާއިމު ކުރަން ހުރި މަރުކަޒުތަކުގެ މަސައްކަތްތައް އަވަސް ސްޕީޑްގައި ގާއިމު ކުރަމުން ގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ މާޗު މަސް ނިމެންވާއިރަށް ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޭޝަންތައް ގާއިމުކޮށް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ވިއްކޭނެ މަރުކަޒުތައް ގާއިމު ވެގެންދާނެ ކަމަށެވެ.

 

”މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާއިރު އަގުހެޔޮވާނެ. އަދި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެގެންދާނެ. މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަން އަދި ތެލަކުން މި ބަދަލު އަންނާނެ.“ ރައީސް ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ ދެކުނުގެ މަސްވެރިން އެވްރެޖްކޮށް ދުވާލަކު 2000 ރުފިޔާ ތެލަށް ހަރަދުކުރާ ކަމަށެވެ.

އެހެންކަމުން މިހާރު ގެނައި ބަދަލާއިރު އެވްރެޖްކޮށް އެ ފަރާތްތަކުން ތެލަށް ހަރަދުކުރާ އަދަދުން އެވްރެޖްކޮށް 1000 ރުފިޔާ ދެން ރައްކާކުރެވޭނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.