ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ދިވެހި ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުވުމެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވުމުގެ ދައުވަތު ދިވެހި ވިޔަފާރިވެރިންނަށް ވަނީ އަރުވާފައެވެ.

ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ މި އަހަރު ނިމެންވާއިރަށް އެއްކޮށް ދޭނެ ކަމަށް ދާދިފަހުން ރައީސް ވަނީ ވިދާޅުވެފައެވެ.