ހަފުތާއެއްގެ ތެރޭގައި މާލޭގެ 52 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ މާލޭގެ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރެއިން ގިނަ ތަންތަން ބަންދުކުރީ އެ މީހުން އަމިއްލައަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މަސާޖު ޕާލާތަކުގެ މައްސަލަ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަމަށެވެ.
އެހެންވެ، އެ މަސައްކަތަށް އިތުރު ހިތްވަރެއްލައި، ހާއްސަ އޮޕަރޭޝަނެއް މި މަހުގެ ނުވަވަނަ ދުވަހު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެ އޮޕަރޭޝަންގެ ތެރެއިން 52 ތަނެއް މިވީ ހަފުތާއެއްގެ ތެރޭގައި ވަނީ ބަންދުކޮށްފައި.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، މި މަހު 11 ވަނަ ދުވަހުވެސް އިމިގްރޭޝަނުން މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖުޕާލާ ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީން އަތުލައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އިތުރު މަސާޖު ޕާލާތަކެއް ފާސްކޮށް، ފަސް ބިދޭސީއަކު ވެސް ވަނީ އަތުލައިގެންފައެވެ.

