ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހެދި 4000 ފުލެޓުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުވުމުގެ ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ވަނީ ފުލެޓަށް ދައްކަންޖެހޭ 25،000 ރުފިޔާގެ ޑައުންޕޭމަންޓާއި ކުލި ބޮޑުކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ޑައުންޕޭމަންޓާއި ކުލީގެ ކަންބޮޑުވުންތަކާ ގުޅިގެން ގެނެވޭނެ ބަދަލަކާ މެދު ވަރަށް ސީރިއަސްކޮށް ވިސްނަވާނެ ކަމަށެވެ.
އަދި އެ ކަންބޮޑުވުންތަކަށް އެންމެ ރަނގަޅު ހައްލު ގެނެސްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ޑައުންޕޭމަންޓް އުނިކޮށްލުން ނޫނީ ކޮން ބަދަލެއްތޯ، އަދި މި މަހުންމަހަށް ދައްކަންޖެހޭ ވަރު، އެއަށް ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ. އަޅުގަނޑުމެން ގޮސް ބަލާނަން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިކަމުގައި ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ފުލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށެވެ.
އަދި އަންނަ ހަފުތާތެރޭ ފުލެޓުތަކުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އަދި ފުލެޓު ލިބުނު ހުރިހާ ފަރާތްތަކަށް މިމަހުގެ ނިޔަލަށް އެ ފުލެޓުތަކަށް ވަދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

