ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓާއި ކުލި ކުޑަކުރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މކަން އިއުލާނު ކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ފޭސް 2ގެ ސަލާހުއްދީންގައި ބޭއްވި ބައްދަލުވުމުގައެވެއެވެ.
ރައީސް ވިދާޅުވީ، އެފްޑީސީގެ ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓްތަކަށް 25،000 ރުފިޔާގެ ޑައުންޕޭމެންޓެއް އަދި 2 ކޮޓަރީގެ ފްލެޓްތަކަށް 15،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަން އޮތް އޮތުމަށް ލުއިތަކެއް ގެނެސްދޭން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ، 3 ކޮޓަރި ލިބިފައިވާ ފަރާތްތަކަށް މަހުން މަހަށް ދައްކަން ޖެހޭ ވަރާއި މެއިންޓެނެންސާއެއްކޮށް އޮތީ ޖުމްލަ އަގަކަށް 10،500 ރުފިޔާ ކަމަށާއި އެ އަދަދު 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސް 25،000 ރުފިޔާ 8،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ ކަމަށެވެ.
އަދި 2 ކޮޓަރީގެ އެފްޑީސީގެ ފްލެޓްތަކަށް 7000 ރުފިޔާ ދައްކަން އޮންނައިރު، އެ އަދަދު 6،000 ރުފިޔާއަށް ކުޑަކުރެވިގެންދާއިރު، ޖުމްލަ ދައްކަން ޖެހޭ އަދަދުން 1،000 ރުފިޔާ ކުޑަކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

