ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި އިމާރާތްކުރެވޭ އުސްމިން ދިހަ ފަންގިފިލާއަށް ބަދަލުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

މިކަމުގެ ތަފުސީލްދެއްވައި ވާހަކަފުޅުދައްކަވަމުން، ޕާކިން މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ދިހަ ފަންގިފިލާއަށް އިމާރާތް ނަންގަވާކަމުގައިވަނީނަމަ، ތިރީފްލޯގައި ޕާކިން ގާއިމުކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ހައްދަވާނެ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން އެގޭގައި ދިރިއުޅޭ ރައްޔިތުންގެ ޕާކިންއަށް އެންމެ ތިރީފްލޯ ހާއްސަ ކުރެވި، މީގެއިތުރުން އެއްފްލޯ ނޮން-ރެޒިޑެންޝަލް ޔޫސްއަށް ބޭނުންކުރަން ޝަރުތު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެއީ ކޮމާޝަލްވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

ގޯތިތަކުގައި ދިހަ ފަންގިފިލާއަށް އިމާރާތް ކުރެވޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ހުޅުމާލޭގެ ފޭސް 1 ގައި ސޯޝަލް ކެޓަގަރީން ފައިސާ ދައްކައިގެން އަމިއްލަކުރާ ގޮތަށް، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް އެއްވެސް މާލީ ލުޔެއް ލިބިފައިނެތް ކަމަށާއި އެހެންކަމުން މި ގޯތިތަކުގެ އެގްރީމަންޓުގައިވާ ޖުމްލަ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

އަދި އެގޮތުން މި ގޯތިތަކުގެ ބާކީ ދައްކަން އޮތް އަދަދުން އެބައި ކެނޑިގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު ރައީސް މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މާލޭގެ އަވަށްތަކާއެކު ބައްދަލުކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން އެކިއެކި ރައްޔިތުންގެ ފަރާތުން ލިބިލެއްވި އެކިއެކި ޝަކުވާތަކާއި އެމަނިކުފާނާއި ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައިވާ އެކިއެކި އެދިވަޑައިގަތުމަށް އެކި މަރުހަލާގައި ހައްލުތައް ގެނައުމުގެ މަސައްކަތްފެށިފައިވާކަން ހާމަކޮށްދެއްވައި، މީގެތެރެއިން ބައެއް ކަންކަމުގައި ސަރުކާރުން ޢަމަލުކުރައްވަމުންގެންދަވާ ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާކޮށްދެއްވާފައެވެ.