ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ، ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި، މި ހިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ހުށަހެޅުއްވި ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެވުމަށް ކުރެއްވިދާނެ ކަންކަމާއި، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތައް ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުން، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުގެ ހިޔާލުތައް ރައީސްއާއި ހިއްސާކުރެއްވިއެވެ.

އަދި، ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭގޮތުންވެސް ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޓްކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

އަދި ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދެއްވުމަށް ސަރުކާރުން ވިސްނަވާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ހައްލު ކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް މި ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.