ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް، އެ ރިސޯޓަކާ ކައިރިން ބޯހިޔާވަހިކަން ލިބޭގޮތް ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވައިފިއެވެ.
ޒުވާނުންގެ އެތެރެވެހީގައި ރޭ ބޭއްވި ”ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް“ އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ އާއިލާއާ ދުރަށް ގޮސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް އުނދަގޫތަކެއް ހުންނަ ކަމަށާއި ރަށާ ކައިރީގައި ހުންނަ ރިސޯޓެއްގައި މަސައްކަތްކުރަން ދެވޭނެ ގޮތެއް ވެއްޖެއްޔާ ޒުވާނުންނަށް ފުރުސަތުތައް އިތުރުވާ ކަމަށެވެ.
“ އެހެންވީމާ ސަރުކާރުން ވަރަށް އިސްކަމެއް އެބަދެން ޓޫރިޒަމް ސެކްޓާއަށް ވަންނަ ޒުވާނުންނަށް ވަރަށް ފަހި ފުރުސަތުތަކެއް ހައުސިންގެ ދާއިރާއިން، ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހޯދައިދޭން. އެ ރިސޯޓެއްގެ ކައިރިން ނޫނީ ޓޫރިޒަމް އޭރިއާތަކުގެ ކައިރީގައި ހުންނަ ބޮޑެތި އާބާދީތަކުގައި ހައުސިން ޕްރޮޖެކްޓުތައް ހިންގަން،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ހައުސިންގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުން އެ ހައްލުވަނީ އެ ޒުވާނެއްގެ އާއިލާއާ ވީހާވެސް ކައިރިން ހައުސިން ހޯދުމުގެ ފުރުސަތު ކަމަށާއި މާލެއިން ދޫކުރާ ހައުސިންގެ ފުރުސަތުތަކަށް އަންނާކަށް ނުޖެހޭނެ ކަމަށެވެ.
ހައުސިން އަކީ ޒުވާނުން ކުރިއަށްދިއުމުގައި އޮތް އެންމެ ބޮޑު އެއް ހުރަސްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސްނުކޮށް، ހައުސިން މަޝްރޫއު ހިންގަނީ އެހެންވެ ކަމަށެވެ.
”މީގެ މަހެއް ކުރިން ހަވާލުކުރި 800 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެކި ރަށްރަށުގައި. އޭގެ ތެރޭގައި ހިމެނޭ ހައުސިން ޔުނިޓުތައް، އޭގެ ވަކި ޕަސަންޓޭޖެއް އަޅުގަނޑުމެން މި ކަނޑައަޅަނީ އެ ރަށްތަކުން ދޫކުރާ އިރުގައި ޓޫރިޒަމް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ލިބޭގޮތަށް،“ ރައީސް ވިދާޅުވިއެވެ.
ރަށްރަށުގައި ހިންގާ ހައުސިން ސްކީމުތަކުން ޒުވާނުންނަށް އިސްކަންދޭގޮތަށް ޝަރުތުކުރާނެ ކަމަށާއި ޓޫރިޒަމާއި މަސްވެރިކަން އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށް ވެސް ރައީސް ރޭ ވިދާޅުވިއެވެ.

