މިދިޔަ އަހަރު ފެށި ބަންކަރިން ހިދުމަތުން 282 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދި ސައީދު ވިދާޅުވީ، މިހާތަނަށް ބަންކަރިން ހިދުމަތުން 282 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ޓެކުހުގެ ގޮތުގައި އިތުރު 24 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މި ހިދުމަތުގެ މުސްތަގުބަލެއް އޮތް ކަމަށާއި އެ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
”މި މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން ކޮޅެއްގައި ނުޖައްސައެއް،“ ސައީދު ވިދާޅުވިއެވެ.
ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލްއާ ގުޅިގެން އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތަށް އެސްޓީއޯ އިން ބޭނުންކުރަނީ ދެ ބޯޓެކެވެ.
އެސްޓީއޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.

