މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތުދަސްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދާފައިވާ ކަމަށެވެ.
އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާއިރު އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި މިއީ މިދިޔަ އަހަރާ ބަލާފައި އިތުރު އަދަދެއް ކަމަށާއި އަދި 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާސިލު ކުރާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވެސް ބޮޑުކޮށްފައިވާ ކަމަށެވެ.
މި ދައުރުގައި 500 ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.

