ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގު ހެޔޮ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އަންނަ މަހު ފަށާނެކަން މިއަދު އިއުލާނުކޮށްފިއެވެ.

ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ސަބްސިޑަރީއެއް އުފެއްދީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް)ގައި ކަނޑައަޅާފައިވާ މަގުސަދު ހާސިލު ކުރުމަށެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން މިއަދު ވަނީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުންޏަކާއެކު، ހުޅުމާލޭގައި ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެއީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކުގައެވެ.

ބީއެމްއެލްއިން ބުނީ، އެެ ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑަޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގައެވެ.

އެގޮތުން، އެއްބަސްވުން ހެދި ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުނިކަން ބެންކުން ފާހަގަކުރިއެވެ.

ބީއެމްއެލްއިން ބުނީ، އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގާ އެ މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހު ފަށައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

އަދި މިއީ، އެމްއެމްއޭގެ ނޭޝަނަލް ހައުސިން ޕްރޮޖެކްޓް ތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.